ހިތި ހަނދާނުގައި……

 

އޮއްސެމުން ދާ އިރުގެ ދޯދިތައް އަހަރެންގެ ލޮލަށް އަމާޒުވެއްޖެއެވެ. މިއީ ޤުދުރަތުގެ އަޖައިބުތަކުގެ ތެރެއިން ކިހާ ބޮޑު އަޖައިބެއް ހެއްޔެވެ. ދުނިޔެ ވަށާ ކޮން.މެ ދުވަހަކު އިރު ދައުރު ކުރަނީ އެއްވެސް ވަރުބަލިކަމެއް ނެތި އޭގެ ވެރި ރަސްކަނލާގެ އަންގަވާފައިވާ ގޮތަށެވެ. ދުނިޔޭގެ އެތަށް މިތަނުން ފަތުރުވެރިން މި ޤައުމަށް އެ އަންނަނީ. މިފަދަ ހިތްގައިމު މަންޒަރުތައް ބަލާލުމަށް އެތައް ސަތޭކަ ޑޮލަރެއް ހޭދަ ކޮށްފައެވެ. އަހަރެންގެ ކުރިމަތީގައި މިވާ ފަދަ ދޮންވެލި ތުނޑިތަކާއި ރީތި ގޮނޑުދޮށްތަކަކީ އެއްވެސް ޚރަދެއް ކުރުމަކާއި ނުލައި އޭގެ ފައިދާ ދިވެހިންނަށް ލިބެނިވި ތަކެއްޗެވެ. އެކަމަކު މިފަދަ ހިތްގައިމު ރަށްފުށުގެ ދިރިއުޅުން ދޫކޮށް  ބޭރު ފަރަންޖީ ތަންތަނަށް އަހަރުމެންގެ ދަރިން މިދަނީ ހަމަ ހިތްހަމަ ޖެހުން ހޯދަން ބާވައެވެ. މި ހިތްގައިމު ދިރިއުޅުން އަހަރެންވެސް ތަޖުރިބާ ކޮށްފީމެވެ.

އެއީ ނުވަދިހައިގެ އަހަރުތަކުގެ ކުރީ ކޮޅެވެ. އަހަރުމެންގެ ހިތްދަތި ދިރިއުޅުން ބިނާވެފައިވަނީ  އަހަރެންނާއި އަހަރެންގެ ކުޑަ ދެކުދިން  ދަނޑުގޮވާން  ކޮށްގެން ލިބޭ އެއްޗަކަށެވެ. ކުޑަކުޑަ ދެ ކުދިންނާއެކު ޙަޔާތުގެ ދުވަސްތައް ވޭތު ކުރަން ޖެހިފައިވަނީ އެކަނިމާ އެކަނިއެވެ. އަހަރެންނަކީ މީހެއްގެ އަންބަކަށް ވެފައި ފިރިމީހާއަކީ ކިތަންމެ އޯގާވެރި ފިރިޔެއް ނަމަވެސް މިއަދު އޭނާގެ އެ އަޅާލުމެއް، ލޯތްބެއް ލިބޭކަށް ނެތެވެ. މި އަނދިރި ޙަޔާތަށް އުފާވެރިކަމެއް ގެނެވޭނެ ހަމައެކަނި ގޮތަކީ އަހަރެންގެ ދެކުދިން ބޮޑުވެ އެކުދިން  މި ޢާއިލާ ބެލެހެއްޓުމުގެ ޒިންމާއާއި ޙަވާލުވުމުން ކަމަށް އަހަންނަށް ޤަބޫލުކުރެވެއެވެ.

އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ދަލޭކައަކީ ކަތީބު އާދަމްބެގެ ދަރިއެއް ކަމުން އޭނާއަށް ވަރަށް ގިނަ ކަންކަން އެނގެއެވެ. އޭގެ ފައިދާ އަހަންނަށްވެސް ލިބެއެވެ. ޚާއްސަކޮށް ދަލޭކަގެ ހެޔޮކަމާއި އޭނަ ވެދޭ އެހީތެރިކަން އަހަރެންގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. އޭނާ އަހަރެންގެ ކުޑަކުޑަ ޢާއިލާއަށް ބަހައްޓާ އޯގާތެރިކަމާއި ގާތް ކަމުގެ އިތުރުން އޭނާ އަހަރެންނާއި އެކު ހޭދަ ކުރާ ވަގުތުތަކުގެ ސަބަބުން އަހަރެންގެ އެކަނިވެރިކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދެއެވެ.

މި ދުވަސްވަރަކީ މާލެއިން ސަރުކާރުގެ ވަރަށް އިސްވެރިއަކު މި ރަށަށް އަންނަން ހަމަޖެހިފައިވާ ދުވަސްވަރެއް ކަމަށް ތުންތުންމަތިން ދެކެވޭ ވާހަކަތަކުން އެނގެއެވެ. ބައެއް ފަރާތްތަކުން، އަދި ޚާއްސަކޮށް މިއަދުގެ މެންދުރު ވަގުތުގައި ރަށުގެ ބޮޑު މަގުން މި ރަށު ދެކަތީބުން ދިމާވެ، އަހަންނަށް ނިސްބަތްކޮށް.  ” ކޮބާ ކޮބާ ބާރަށު ރާމިޒާ ނޫނަސް މި ރަށުގައި މިހިރަ ފިނފެންމަލެއް ފަދަ ލޫޅާފަތި ހަށިގަނޑުގެ ވެރި ސަންފަވެސް ރީތި ކޮށްލައިގެން މަގަށް ނެރެން ޖެހޭ ދުވަސް އަތުވެއްޖެ “ އޭ ކިޔާ ދިމާކޮށް ހެދިއެވެ. އެހެން ނަމަވެސް އެދެއްކި ވާހަކައިގެ މުރާދަކާއި އެ ގޮތަށް އަހަންނާއި ދިމާލަށް ރަށުގެ ކަމުވޮށިގެންވާ މީހުން ކިޔާ ސަބަބެއް ނުވިސްނެއެވެ. އެކަމާ އަހަރެން ކަންބޮޑުވެ އަހަރެންގެ ހަނގު ދަރިފުޅު މޫސާފުޅަށް ގޮވައިފީމެވެ.

“ދަރިފުޅާ މޫސާފުޅާ. ދޭބަލަ ދަލޭކަ ދައިތަ ކައިރީ ބުނަން މަންމަ ބުންޏޭ މިގެޔަށް މިއަދު ހުސްވަގުތެއް ހޯދާލައިގެން އައިސްދޭށޭ”

އަހަރެންގެ ޖުމްލަ ނުނިމެނީސް މޫސާފުޅު ރޫސްލާފައި ދިޔަ ބުމަރެއްހެން ގެއިން ނުކުމެގެން ދުއްވައިގަންނަމުން “އާނ މަންމާ މިދަނީއޭ” ބުންޏެވެ.

އެ ހިމޭން ކަމުގެ ވަގުތުގައި އަހަރެންގެ ދިރިއުޅުމަށް އައިސްފައިވާ ހަނަފަސްކަމާއި ދޭތެރޭ އަހަރެން ހިތާހިތާ ސުވާލުކޮށްލީމެވެ. އަހަރެންގެ ޢުމުރުން އަދި އެންމެ ނަވާރަ އަހަރެވެ. އަހަރެންގެ ފުރަތަމަ ކައިވެނި އަހަރެންގެ ޢުމުރުން  އެންމެ ނުވަ އަހަރުގައި މައިންބަފައިން ދެއްކި ފަރާތަކާއި ކައިވެނި ކުރީ ކައިވެންޏަކީ ކޮންކަމެއްކަން ރަނގަޅަށް ނުވެސް އިނގެނީހެވެ. އެހެން ނަމަވެސް އަހަރެންގެ މައިންބަފައިން އަހަރެންނަށް ދެއްކީ މީދާ ކޭ އުނބެއްގެ ބަދަލުގައި ފުރިފައި ހުރި ކާއްޓެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަހަރެންގެ ފިރިސޮރު އާދަނަކީ މިރަށަށް އުފަންވި ރީތި ފިރިހެންވަންތަ އެހާމެ މުރާލި ފިރިހެނުންގެ ތެރެއިން އަރާހުރި މީހެކެވެ. އާދަނު އަހަރެންނާއި އެހާ ކުޑައިރު ކައިވެނި ކުރި ނަމަވެސް އޭނާއަކީވެސް އޭރު އުމުރުން އެންމެ 17 އަހަރުގެ ފިރިހެނެކެވެ. އާދަނާއި ކައިވެނި ކުރެވުމުން އަހަރެންގެ ނަސީބު އަތުގައި ހިފީ ކަމަށް ނިންމާ އަހަރުމެން ދެމީހުންގެ ދިރިއުޅުން ބިނާ ކުރުމަށް ގަދައަޅާ މަސައްކަތް ކުރީމެވެ. ކޮންމެ ދުވަހަކު ޗަކަ ބިމަށް ގޮސް ދަނޑުގޮވާން ކުރުމާއި އާދަނު ރާވެރިކަން ކޮށްގެން ގެޔަށް ގެންނަ ރާ ކައްކައިގެން ކާނާ ތައްޔާރު ކުރުމަކީ އުފާވެރި ދިރިއުޅުމަކަށް މަގުފަހި ކުރުވި ކަންކަމެވެ. އޭގެ އިތުރަށް އަހަރުމެންގެ ދިރިއުޅުން ވަކި ގެޔެއްގައި އާރާސްތު ކުރުމަށް އާދަނު ރެޔާއި ދުވާލު މަސައްކަތް ކޮށްގެން ލިބޭ ކާއްޓާއި ކުރުނބާ މާލެ ފޮނުވައިގެން ރޯނު ފަދަ ގެދޮރު އެޅުމަށް ބޭނުން ކުރާ ތަކެތި ހޯދީމެވެ. ދެމީހުން މަސައްކަތް ނިންމާލާފާއި ކޮންމެ ދުވަހަކުމެ އެކުގައި މޫދަށް އެރިލާ ގައިން ތާހިރުވެލުމަށް ހޭދަކުރާ ވަގުތަކީވެސް ހަނދާނުން ފިލުވާލުމަށް ދަތި އުފާވެރި ހިނދުކޮޅުތަކެކެވެ. މާބޮޑު ތަނަވަސް ކަމެއް ނެތަސް އަހަރުމެންގެ ދިރުއުޅުމަކީ ވަރަށްވެސް އުފާވެރި އެހާމެ ލޯބިން އުޅެމުން އައި ދިރިއުޅުމެކެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އަހަރުމެންގެ ދިރިއުޅުމަށް ދެކުދިން ލިބުނުއިރު ދިރިއުޅުމުގެ ޚަރަދުތައްވެސް ވަނީ ދުވަހެއް ދުވަހަކަށް ބޮޑުވެފައެވެ. ރަށުގައި މަހަށްދާ އޮޑިފަހަރު ގިނަވުމާއި އެކަމުން ލިބޭ މަންފާ ބޮޑުވުމާއެކު އާދަނުވެސް މަހަށް ދިއުމަށް ނިންމާ އޮޑިއަކަށް އެރިއެވެ. އާދައިގެ ފަޅުވެރިއެއްގެ ގޮތުގައި އެރި ނަމަވެސް އާދަނުގެ ބުރަ މަސައްކަތާއި ގުޅިގެން އުޅުމުގެ ނަތީޖާއަކަށްވީ ކެޔޮޅު އެންމެ ހިތް ހަމަޖެހޭ މީހުންގެ ތެރޭގައި އާދާނު ހިމެނި އާދަނާ ނުލާ އޮޑި ނުފުރާ ވަރަށް އޮޑިއަށް އާދަނުގެ ދެފައި ފެތުރުމެވެ. އެދުވަސްވަރަކީ މަސްބާނަން އެން ހިފުމަށް ގާގަލާށާއި ފަރުތަކަށް ފީނައިގެން އެންހޯދާ ދުވަސްވަރަކަށްވެފައި ކޮންމެ ރެޔަކުވެސް އާދައިގެ މަތީން މެންދަމުން ބަޔެއް ކަޑައްތު ކުރުމަށްފަހު އެންދަމަން ދޯނިތައް ނިކުމެއެވެ. އާދަނަކީ ރަށުގެ ފަރުމަތީ ފީނައި ބޯވާ އާއި އިހި ފަދަ ތަކެތި ނެގުމަށް ކުޅަދާނަ ފަހުލަވާނެއް ކަމުން ފީނުމަށް އާދަނު ވަރަށް ވަރު ހުރެއެވެ.

“ސަންޕާފުޅާ ކިހިނެއްވީތަ އަހަރެން ބަލާ ފޮނުވީ؟”

އަހަރެން ޢަރަޤު ވެފައިވާ ޚިޔާލީ ދުނިޔެއިން ހޭލައްވާލީ ދަލޭކައިގެ ތޫލި އަޑު ގޭތެރެއަށް އެއްވެސް އިންޒާރެއް ދިނުމަކާއި ނުލާ ވަދެގަތުމާއެކުއެވެ.

“ދަލޭކާ. ސަރުކާރުގެ އިސްވެރިންގެ ތެރެއިން ކާކުތަ މި ރަށަށް އަންނަން އުޅެނީ؟ އެއީ ކީއްކުރަން އަންނަ މީހެއް؟ އަހަރެން މަގަށް ނަލަހައްދައިގެން ނެރެން ވާނެއޭ ކިޔާ ކޮއެގެ ބަފާމެން ދިމާކުރި. އެއި ކީއްވެގެން ކިޔާ ވާހަކައެއްތަ؟”

އަހަރެން ފަތިވަރެއްހެން ހިތުގައި ހުރި ހުރިހާ ސުވާލުތައް އޮއްސާލީމެވެ.

“ސާބަސް ކޮޔާ. ބައްޕަ ކިޔާތީ އަޑު އެހިން އެއީ މި ރަށްތަކާއި އަތޮޅުތަކާއި ބެހޭ އިސްވެރިޔާއޭ.  އެއީ ވަރަށް ބުރުސޫރަ ރީތި އެހާމެ ހިތް ކިޔާކަހަލަ މިޒާޖެއް ހުންނަ ބޭފުޅެކޯ. އެހެނަސް އެއީ ވަރަށް އަބުއި ބޭފުޅެކޭވެސް ބުނި. އަދި އޭނާ ދަތުރު ކުރި ބައެއް ރަށްރަށުން ދިމާވި ރީތި އަންހެން ކުދިންނަށް ވަރަށް ޚަރަދު ކުރާ ވާހަކައާއި އޭގެން ބައެއް ކުދިންނާއި ކައިވެނި ކުރި ވާހަކަވެސް ކިޔާ. އެހެން ވެގެން ބައްޕަމެން ސަންފައާއި ދިމާ އެކުރަނީ ތިއީ މި ރަށުގައި ހުރި އެންމެ ރީތި އަންހެނާ ވިއްޔާ. މަވެސް ހިތަށްއަރާ ތިހާވަރުގެ ރީތި ކަމެއް މަށަށްވެސް ލިބުނު ނަމައޭ.”

ދަލޭކަގެ ސަކަމިޒާޖީ ވާހަކައިން މައްޟޫގައި ސަކަރާތުގެ ކުލަވަރު އެކުލަވާލިއެވެ.

“ދަލޭކަ ދެން އެ ބޭފުޅާއާއި އިންނަން ވީނުން ތިހާ ގަޔާ ވަންޏާ؟ އެހެން ނޫނަސް އަހަރެން ދެން މީ ބާވެފަ ހުރި މީހެއްގެ ޙައްޤެއްނުން؟”ހެމުން ހެމުން  އަހަރެންވެސް ދަލޭކައާއި ދިމާކޮށްލީމެވެ.

“އަހަންނަށް ހީވަނީ ދަލޭކަ ބައްޕަ ކައިރީގަ ބުނެގެން ތި ކައިވެނި ހަމަޖެއްސިދާނެހެން”

“އަހަރެމެން ކަހަލަ ކުދިންނާއި އެ ބޭފުޅާ އިންނާނެހެން ހީނުވޭ ސަންފަމެން ދުނިޔޭގައި ތިއްބާ. އަދި އެނގޭތަ؟ އޭނަގެ ގެޔެއްވެސް އިނދެޔޯ ޖެހިގެން މި އޮންނަ ހުޅުދުއްފާރުގައި. އެ ގެޔަކީ އެގޮތަށް އޭނަ ގަޔާވާ ކުދިން ގޮވައިގެން ހިތް ހަމަޖައްސާލަން ދާ ތަނެކޯ ވެސް ކިޔާ އަޑުއެހިން. އަދި އޭނަގެ ނަމަކީ ކިއްލިބޭ ކަމެއް އިއްލިބޭ ކަމެއް ސާފެއް ނުވި. އެފާޑުގެ ނަމެއް ކިޔައި އުޅުނީ.”

ދަލޭކައިގެ ވާހަކައިން އެމީހަކާ ވަރަށް ގަޔާވާކަން އަހަންނަށް ފާހަގަ ކުރެވުނެވެ.

“ބައްޕަ ބުނި އެބޭފުޅާގެ ދަތުރަކީ މި ރަށުން މީހުން ބޭލުމާއި ބެހޭ ގޮތުން މަޝްވަރާ ކުރަން އަންނަ އައުމެކޭ. އަދި އަހަރުމެން ރަށު މީހުންނާއި އުނގުލު މީހުން ގެންދަން ކިޔަނީ ހުޅުދުއްފާރަށޯ. އެގޮތަށް މި ރަށުގެ ގިނަބަޔަކު އެއްބަސްވާނަމަ ބަދަލުކޮށްދޭނެޔޯ ސަރުކާރުގެ ޚަރަދުގައި”

ދަލޭކައަށް ލިބިފައި ހުރި މަޢްލޫމާތުތައް ހުރަހެއް ނެތި އަހަންނާ ހިއްސާ ކޮށްލިއެވެ.

ކޮންމެއަކަސް ދަލޭކައިގެ ވާހަކައިން އަހަރެންގެ ހިތުގެ ވިންދު އަވަސްވެ އެބުނާ މީހަކު ބަލާލުމުގެ ޝައުޤު އަހަރެންގެ ހިތުގައިވެސް  އުފެދިއްޖެއެވެ. އަހަރެންނަކީވެސް އަދި އެންމެ ޅަފުރައިގެ ޒުވާނަކަށްވެފައި ފިރިމީހާ ގާތުގައި ނެތި އެތަށް ދުވަހެއް ވެފައި ވުމުން އަހަރެންގެ ޒުވާން ކަމުގެ ޖޯޝް ވަނީ ވަޅުޖަހާ މޯޅިވެފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. (ނުނިމޭ)

2 thoughts on “ހިތި ހަނދާނުގައި……

Add yours

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Powered by WordPress.com.

Up ↑

%d bloggers like this: