ލާމަރުކަޒީ ނިޒާމު ފެށުމާއެކު ކައުންސިލްތަކުގެ އެތެރޭގައި ގޮންޖެހުން؟

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ކުރުމުގެ ޤާނޫން 7/2010 ވުޖޫދަށް ގެނެވުނީ ވަރަށް މާތް މަޤްސަދެއްގައި ކަން ކަށަވަރެވެ. އެ ޤާނޫނާއި ގުޅިގެން ކުރީގެ ރަށު އޮފީސްތަކުގައި ސަރުކާރުގެ ނުފޫޒާއި ބާރާއި އެކު ތިއްބެވި ކަތީބުން ބަދަލުވެ ރައްޔިތުންގެ ވޯޓަކުން ހޮވޭ ކައުންސިލަރުންތަކެއް ލެވިގެން ދިއައެވެ. ރައްޔިތުން ބޭނުންވާ ގޮތަކަށް އެ ރަށެއްގެ ހިންގުމާއި ޙަވާލުވެ ލެއްވީ އެ ރައްޔިތުންގެ ވޯޓު ކާމިޔާބުކޮށް އެ ރަށްތައް ތަރައްޤީކުރުމަށް އެރަށެއްގެ ރައްޔިތުންގެ ޚިޔާލު ބޭނުންކުރާނެ ކައުންސިލްތަކެވެ. މިހިސާބުން ދެން އުފެދޭ ސުވާލަކީ ކުރީގައި ކޮންމެ ކަމެއް މައި މަރުކަޒު (މާލޭގައި އޮންނަ މައި ސަރުކާރު) މެދުވެރިކޮށް ކުރުމާއި އެކަންކަމަށް ހުއްދަ ހޯދަން ޖެހުމަށް ނިމުން އައީ ހެއްޔެވެ. ރަށު އޮފީސްތަކުގައި ތިއްބެވި ކަތީބުންނާއި ކުޑަ ކަތީބުންނަށް ދެން ވީ ކިހިނެއް ހެއްޔެވެ؟ އެމީހުންގެ ބާރާއި ނުފޫޒު ކައުންސިލްތައް އުފެދުމާއެކު ނެތި ދިއައީ ހެއްޔެވެ؟

އަޅުގަނޑުމެން ޑިމޮކްރަސީގެ ދަތުރު 2004 ހިސާބުގައި ފެށިފަހުން މިވީ ދުވަސްތަކުގައި ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އެގޮތުން ލާމަރުކަޒީ ނިޒާމު އައުމާއެކު އޭރު ތިއްބެވި ކަތީބުންނާއި ކުޑަކަތީބުން ވަނީ އ. ޑިރެކްޓަރުންނާއި ސ. ފައިނޭންސް އޮފިސަރުންނަށް ބަދަލު ކުރެވިފައެވެ. ގިނަ ބޭފުޅުންގެ ޝަރުތު ފުރިހަމަ ވެގެން ނޫނެވެ. ސަރުކާރުން އެހާ ގިނަ ބަޔަކު (200 ރަށު ކައުންސިލާއި 20 އަތޮޅު ކައުންސިލްގައި ތިއްބެވި ވެރިން) ކަނޑާލުމުގެ ބަދަލުގައި އެފަދަ ފުރުސަތެއް ދެއްވީ އެބޭފުޅުން އެ ރަށްރަށުގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށް ޤަބޫލު ކުރެވެއެވެ. އަދި މީގެ އިތުރުން ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ ލަޤަބު “ޒިންމާދަރުވެރިޔާ” ވެސް ވަނީ ވަގުތީ ގޮތުން އ. ޑިރެކްޓަރުންނަށް ދެވިފައެވެ. އެހެން ނަމެވެސް އެއީ އެބޭފުޅުން އަމިއްލަ ނަފްސް ތަރައްޤީކޮށް ތަޢްލީމާއި ތަމްރީން ހޯދައިގެން ޑިރެކްޓަރުގެ މަޤާމަށް ބަދަލު ވެވެންދެން ނުވަތަ ޑިރެކްޓަރގެ މަޤާމަށް ސިވިލްސަރވިސް ކޮމިޝަނުން އައު ބޭފުޅަކު ލެވެންދެންނެވެ.

ކައުންސިލްތައް އުފެދުމުން ކުރީގެ ކަތީބުން ޑިރެކްޓަރުންގެ މަޤާމަށް ބަދަލު ނުވީ ކީއްވެ؟

ކޮންމެ މުވައްޒަފެއްވެސް މަސައްކަތް ކުރަނީ އެ މުވައްޒަފެއްގެ ވަޒީފާއަކީ ދާއިމީ އެއްޗކަށް ވުމާއެކު އެ އޮފީހެއްގެ ވަޒީފާގެ ހަރުގަނޑުގެ އެންމެ މަތީގައި ފައި ހަރުލައްވާލުމަށެވެ. ޚާއްސަކޮށް ގިނަދުވަހު އުޅެ ތަޖުރިބާ ލިބުމަކީ މި ދެންނެވި ގޮތަށް ކާމިޔާބު މީހަކަށް ވުމަށް ލިބޭ ވަރަށް ބޮޑު އެހީއެކެވެ. ކައުންސިލްތައް އައިއިރު ކަތީބުންނާއި ކުޑަ ކަތީބުންނަކީ ރަށު އޮފީސްތަކުގައި އެންމެ އާރާއި ބަރާއި ނުފޫޒު ހުރި ބޭފުޅުންނެވެ. އެބޭފުޅުންގެ އަތޮޅުގެ އަތޮޅުވެރިޔާއާއި ގުޅުން ރަނގަޅުނަމަ (ގިނަގިނައިން ކާއްޓާއި ހަދިޔާ އަދި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓް ތަކުން “ކަޓް” ދިން ވަރަކަށް ގުޅުން ރަނގަޅު ކަމަށް ބުނެއުޅޭ) އެ ކަތީބުން ނުވަތަ ކުޑަކަތީބުން ފިޔަވާ އެހެން މުވައްޒަފަކަށް ތަމްރީންގެ ފުރުސަތު ލިބޭނީ އެބޭފުޅުން ބޭނުން ނުކޮށް ބާކީވުމުންނޭ ބުނުމަކީ ވެސް ދޮގަކަށް ނުވާނެއެވެ. ޚާއްސަކޮށް ދިގުމުއްދަތަށް މުސާރަ ލިބޭ ގޮތަށް (PAY leave)  ކިޔަވަން ދާން އެދުވަސްވަރު ވަރަށް ބޮޑަށް ފުރުސަތު ލިބިފައިވެއެވެ. އޭރުގެ ސަރުކާރުން މުވައްޒަފުން ތަމްރީން ކުރުމަށް ހިފެހެއްޓުމެއް ނެތި ދިއައީ ލުއި ދެމުންނެވެ. އެހެންވީ އިރު ގިނަ ކަތީބުން ތިބޭނީ އެންމެ އުހުގައި ކަން ޔަޤީން ނުވޭތޯއެވެ. ދެން ކަތީބުން އ. ޑިރެކްޓަރުންނަށް ބަދަލުކުރެވި އެންމެ އިސް އިދާރީ މުވައްޒަފުގެ ވަޒީފާއިން (ޑިރެކްޓަރުންގެ ވަޒީފާއިން) ޖާގަ ނުލިބުނީ ކީއްވެހެއްޔެވެ؟ އެމީހުންނާއި ދޭތެރޭ ސަރުކާރުން ރަނގަޅަށް ކަންތައް ނުކުރީހެއްޔެވެ؟ ނޫނެކެވެ. އަޅުގަނޑު ދެކޭ ގޮތުގައި އަންނަނިވި ކަންތައްތަކަކީ އެމީހުންނަށް ޑިރެކްޓަރުންގެ ވަޒީފާއިން ޖާގަ ނުލިބުމަށް މެދުވެރިވި ސަބަބުތަކެކެވެ:

  1. ސަރުކާރާއި އަތޮޅު ކައުންސިލްތަކާއި އެކު އޮތް ގުޅުން ބެލެންސް ނުކުރެވުން
  2. ޑިރެކްޓަރުންގެ މަޤާމަށް ޝަރުތު ހަމަވާ ވަރަށް ކިޔަވާފައި ނެތުން ނުވަތަ އެކަމަށް މަސައްކަތް ކޮށްފައި ނުވުން
    1. ސިވިލް ސަރވިސް ގަވާއިދު ގައި ޑިރެކްޓަރެއްގެ މަޤާމަށް އެންމެ ދަށްވެގެން ޑިޕްލޮމާ ލެވެލްގެ ސެޓްފިކެޓެއް އޮތުމާއެކު 6 އަހަރުގެ ތަޖުރިބާ ބޭނުންވެއެވެ.
  3. ބަދަލުވަމުން އައި ޓެކްނޮލޮޖީއާއި މެނޭޖްމެންޓް ކޮންސެޕްޓްތަކަށް އަހުލުވެރިނުވުން
    1. މިކަން މައިގަނޑު ގޮތެއްގައި ދިމާވީ އޭރުގެ ކަތީބުންނަކީ އެއްވެސް ވަރަކަށް އިދާރީ މަސައްކަތް ޢަމަލީ ގޮތުން ކުރަމުން އައި ބަޔަކަށްވެފައި ނުވުން ނުވަތަ ބާރާއި ނުފޫޒު އޮތުމުން އެގޮތަށް އެމަސައްކަތް ނުކޮށް މުވައްޒަފުން ލައްވާ އެކަހަލަ ހުރިހާ މަސައްކަތް ކުރުވުމެވެ.

ކައުންސިލްތައް އުފެދުމުން ކުރީގެ ވެރިންގެ ބާރު ނެތި ދިޔައީތަ؟

2011 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ރައްޔިތުންގެ ވޯޓަކުން އިންތިޚާބުވެފައިވާ ކައުންސިލްތައް ހުވާކޮށް ރަށްރަށުގެ ކައުންސިލްތައް ހިންގުމާއި ޙަވާލުވިއެވެ. އެބޭފުޅުން ކައުންސިލްތަކަށް މަސައްކަތަށް ނުކުތްއިރު އެބޭފުޅުންގެ މަސައްކަތަށް ބޭނުންވާ ރިސޯސް ނެތެވެ. އެންމެ ދެރަވެގެން އިށީންނާނެ ގޮނޑިއާއި ބޭނުންކުރާނެ މޭޒެއްވެސް ނެތެވެ. ނަމަކުން ލާމަރުކަޒީ ވެއްޖެއެވެ. މައްސަލައެއް ނެތެވެ. އެއީ ފެށުމެއް ކަމަށްވެފައި ރައްޔިތުންނަށް އެ ރަށެއްގެ ކައުންސިލް ހިންގުމަށާއި ތަރައްޤީގެ ޕްލޭން ކުރާނެ ގޮތްތަކަށް ބަސް ކިޔުމަށް ލިބުމަކީ ވަރަށް ބޮޑު އުފަލަކަށްވިއެވެ. ޚާއްސަކޮށް ރަށްރަށުގައި ހުރި އިޖްތިމާޢީ ގިނަ މައްސަލަތަކުގެ ތެރެއިން ކުނި ނައްތާލުމާއި ރަށްރަށުގެ ބިނާވެށި ޕްލޭން ހަދައި އެ ރަށްރަށުގެ އިޙްތިސާސް ހިންގާ ސަރަހައްދުގައި ހުރި ރިސޯސްތައް ބޭނުން ކުރުމުގެ އިޚްތިޔާރު ލިބިގެން ދިއުން ފާހަގަ ކޮށްލެވެއެވެ.

ކަތީބުންގެ ބާރާއި ނުފޫޒުގައި މުވައްޒަފުން ގެންގުޅުމުގެ މިސާލަކީ އިހު ޒަމާނުގައި އަޅުން ގެންގުޅުނު ގޮތާއި އެއްފަދަ މިސާލެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަޅުގަނޑަކީ ވެސް މިހާރު ކައުންސިލެއްގެ ޑިރެކްޓަރެއްގެ މަޤާމް އަދާކުރާ މީހަކަށް ވުމާއެކު ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފަކީ އަޅުގަނޑެވެ. އަޅުގަނޑުގެ މުވައްޒަފުންނަށް މަސައްކަތްތަކާއި ބާރުތައް ޑެލިގޭޓްކޮށް އެ މުވައްޒަފުން ބާރުވެރި (Empower) ކުރުވޭތޯ އަޅުގަނޑު މަސައްކަތް ކުރަނީ އެ މުވައްޒަފުންނާއި ވާހަކަ ދައްކައި ޚިޔާލު ބަދަލުކޮށްގެންނެވެ. އެގޮތުން އަޅުގަނޑުގެ ބައެއް މުވައްޒަފުންނާއެކު ދެކެވުނު ވާހަކައެއްގެ ތެރެއިން އޭގެތެރެއިން އެއް މުވައްޒަފު ވަރަށް އަގުހުރި އަދި އެހާމެ އަސަރު ކުރުވަނިވި ވާހަކައެއް ޙިއްސާ ކުރިއެވެ. އެ މުވައްޒަފު ކަތީބުންގެ ދުވަސްވަރުގެ އޮފީސް މާޙައުލުން ދުވަހެއް ޙިއްސާ ކޮށްލިއެވެ. އެކި މުވައްޒަފުން ތިބެނީ ކުދި ކޮތަރުކޮށި ކަހަލަ ކޮޓަރިތަކަށް ބެހިފައެވެ. އޭގެތެރެއިން އެއް ތަނުގައި ކަތީބު އިންނަވައެވެ. މުވައްޒަފުންނަށް އާއްމު ގޮތެއްގައި އޮފީސް ތެރެއިން އިވޭ އެއް އަޑަކީ ބެލް އެއް ޖަހާލާ އަޑެވެ. އެ ޖެހުނީ އެޑްމިން އޮފިސަރ އެކަމަށް އެޓެންޑްވެ އެހިސާބުން ކަތީބުގެ މޭޒުކޮޅަށް ދާށެވެ. އެޑްމިން އޮފިސަރ ނެތްނަމަ އެހެން މުވައްޒަފެއްވެސް ދާން ޖެހޭކަމަށް ވެއެވެ. މިދެންނެވި ގޮތަށް އެއް ދުވަހުގެ މަސައްކަތު ގަޑީގައި ބެލްއެއްގެ އަޑެއް އިވިއްޖެއެވެ. އެއަޑާއެކު މި މުވައްޒަފު އަވަސް އަވަހަށް “ބޮސް”ގެ މޭޒު ކައިރިއަށް ދިއައެވެ.

“ކަތީބު ކިހިނެއްވީތޯ؟ ބެލް ޖަހާލީމަ އަޅުގަނޑު މިއައީ” އެ މުވައްޒަފު ބުންޏެވެ.

ޖަވާބުގައި ކަތީބު “އާން ގޮވާލީމޭ ކަމަކުއޭ ގޮވާލީ” ބުނެފައި …… “މި މޭޒު ކައިރިއަށް މަގޭ ފަންސުރު ވެއްޓިއްޖެ. އެ ނަގާ މޭޒު މަތީ ބާއްވަބަލަ” ބުނެފިއެވެ.

އެ މުވައްޒަފު ބަލާލިއިރު އެ ފަންސުރު އޮތީ ކަތީބުގެ ބޫޓާއި ޖެހިގެންނެވެ. ގޮނޑިން ނުވެސް ތެދުވެ ނެގޭ ހިސާބުގައެވެ. ކީއްކުރާނީތޯއެވެ. އެ މުވައްޒަފަށް ޖެހުނީ އެދުވަހު އެމުވައްޒަފު އަޅުވެތި ކުރުވާފައިވާ މިންވަރު ހިތަށްއަރާ އެކަމާ އަސަރުކުރާ ޙާލު، އެ ފަންސުރު ނަގާ މޭޒު މަތީގައި ބާއްވާފައި ދަންނަވާށެވެ.

މަތީގައި ދެންނެވިފައިވާ ޙާދިސާއިން ވަރަށް ރަނގަޅަށް ކަތީބުންގެ ނުފޫޒު މުވައްޒަފުންނަށާއި އޮފީސްތެރޭގައި އޮތް މިންވަރު ހާމަވެގެންދެއެވެ. އެފަދަ ބާރާއި ނުފޫޒުގައި އުޅުނު ބަޔެއްގެ މައްޗަށް އެހެން ބަޔަކު (ކައުންސިލަރުންނާއި ޑިރެކްޓަރުން) އައުމުން އެކަން ހަޖަމު ކުރެވޭނެތޯއެވެ؟ އެފަދަ ބަޔަކަށް އެބައި މީހުންގެ މައްޗަށް އަންނަ ބަޔަކަށް އިޙްތިރާމް އަދާކޮށް ފަހުން އެއި ވެރިން އަންގާ ގޮތަކަށް ކަންކަން ތަންފީޒު ކުރެވޭނެތޯއެވެ؟

2011 ވަނަ އަހަރު ފުރަތަމަ ހޮވުނު ކައުންސިލްތައް އޮފީހަށް އައި ދުވަސްވަރަކީ ރާއްޖޭގައިވެސް ވަރަށް ސިޔާސީ ހަލަބޮލިކަން ފެތުރިފައި އޮތް ދުވަސްވަރެކެވެ. އެދުވަސްވަރު މިދެންނެވި ބަދަލު އައިސް ކައުންސިލްތަކާއި ކައުންސިލަރުން ހަވާލުވެ ވަރަށް ގިނަ ބަދަލު ގެންނަށް މަސައްކަތް ކުރިއެވެ. ނަސީބު ކަންދިމާކުރި ގޮތުން އަޅުގަނޑުމެންގެ ޤާނޫން ހަދާ މަޖިލީހުން (ރައްޔިތުންގެ މަޖިލީހުން) ލާމަރުކަޒީ ޤާނުނު ފާސް ކުރިއިރު ކައުންސިލް މެންބަރު ކަމުގެ ޝަރުތު ތަކުގެ ތެރޭގައި ޢިލްމީ ގޮތުން ވަކި ސްޓޭންޑަޑެއް ހުންނާކަށް މަޖުބޫރެއް ނޫނެވެ. އަސާސީ ތަޢްލީމު ފެންވަރަށް ލިޔަންކިޔަން އެނގުނަސް ސިޔާސީ ގޮތުން އަޑު ގަދަވެފައި އެ ކޮމިއުނިޓީއެއްގައި ބަސްވިކޭނަމަ އެމީހަކު ކައުންސިލް މެންބަރުކަމަށް އައުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެގެން ދިއައެވެ. މިދެންނެވި ކައުންސިލް މެމްބަރުން 2011 ވަނަ އަހަރު ހޮވިގެން ގެންނަން ބޭނުންވި ބަދަލުތައް ގެނައުމަށް ވަރަށް ފޯރިޔާ ޖޯޝާއެކު ދިއައީ ޖަލްސާތަކަށް އެޖެންޑާކޮށް ފާސް ކުރަމުންނެވެ. އެހެން ނަމަވެސް ކައުންސިލްތަކުގެ ނިޒާމު ފަރުމާ ކުރެވިފައިވާ ގޮތުންނާއި އޭރު ސިވިލް ސަރވިސް އިން އޮނިގަނޑުތަކަށް ގެނައި ބަދަލާއި ގުޅިގެން ވަގުތީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާ ކުރަމުން ދިއައީ ކުރީގެ ކަތީބުންނެވެ. އެ ކަތީބުންގެ ތެރެއިން ގިނަ ބަޔެއްގެ ނިޔަތަކަށް ވެފައި އޮތީ ލާމަރުކަޒީ ނިޒާމަކީ ކާމިޔާބު ނޫން ނިޒާމެއް ކަމާއި ކުރީގައި އޮތް ކަތީބުންގެ ނިޒާމަކީ ރައްޔިތުންނަށް ފައިދާ ހުރި ނިޒާމެއްކަން ދެއްކުމެވެ. އެގޮތުން ކައުންސިލުން ފާސްކުރާ ގިނަ ކަންކަން، ޚާއްސަކޮށް ތަރައްޤީއާއި ގުޅިފައިވާ ގިނަ ކަންކަން ދިއައީ ތަންފީޒުނުކޮށް އިދާރާ ތެރޭގައި ހިފެހެއްޓެމުންނެވެ. ލާމަރުކަޒީ ނިޒާމު ހިނގައި ގަތުމަށް ވަރަށް ބޮޑު ގޮންޖެހުމަކަށް އެކަން ވެގެން ދިއަ ކަމާއިމެދު ފުރަތަމަ ދައުރު އަދި ދެވަނަ ދައުރުގެ ކައުންސިލް މެންބަރުން ދެބަސް ނުވާނެ ކަމަށް އަޅުގަނޑު ދެކެމެވެ. ކަތީބުންގެ ބާރު އޮފީސްތެރޭގައި އޮތުމާއެކު އެފަރާތް ތަކުން ބޭނުންވާ ކަންކަން ފިޔަވާ އެހެން ކަންކަން ތަންފީޒު ނުކުރި ނަމަވެސް ގިނަ ކައުންސިލް މެމްބަރުންނަށް އެކަމާއި ގުޅިގެން ކުރެވޭނެ މާބޮޑު ކަމެއް ނޭގެއެވެ. އެބޭފުޅުންވެސް އައުވީމައެވެ. ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ މަސައްކަތްތަށްވެސް ރަނގަޅަށް ހިނގައިގަނެފައި ނުވާތީއެވެ.

މަތީގައި ދެންނެވިފައިވާ ކަންކަމުގެ އިތުރަށް އޭރުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމާއި ބީރައްޓެހި އެހެން ފިޔަވަޅެއްވެސް އެޅިއެވެ. އެގޮތުން ރާއްޖޭގެ ސަރަޙައްދުތައް ހަތް ސަރަޙައްދަކަށް (ޕްރޮވިންސްތައް) ބަހާލައި އެ ސަރަޙައްދުތަކުގެ ރަށު ކައުންސިލްތައް އެ ޕްރޮވިންސް އޮފީސްތައް މެދުވެރިކޮށް މައި ސަރުކާރާއި މުޢާމަލާތް ކުރާގޮތަށް ބަދަލު ގެނައެވެ. އެކަމުގެ ސަބަބުން ރަށު ކައުންސިލްތަކުން ކުރަން ބޭނުންވާ ކޮންމެ ކަމަކަށް އިތުރު ފަށަލައެއް އިތުރުވެގެން ދިއައެވެ. އެންމެ ކުޑަވެގެން މައި ސަރުކާރުގެ ވުޒާރާއަކަށް ފޮނުވަން ބޭނުންވާ ސިޓީއެއްވެސް ޕްރޮވިންސް އޮފީސް މެދުވެރިކޮށް ފޮނުވުމުގެ ޖާގައެއް ނެތެވެ.

މަތީގައި ދެންނެވިފައި އެވަނީ ރަށު ކައުންސިލްތައް އުފެދިގެން އައިއިރު ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައިވާ ކުރީގެ ވެރިން “ޑީމޯޓް” ކޮށް އެމީހުންގެ މައްޗަށް ކައުންސިލަރުން އައުމުން ދިމާވި ގޮންޖެހުމުގެ މައްޗަށް އަޅުގަނޑަށް އަޑުއިވި އަމިއްލަ މަސައްކަތު މާޙައުލުން ކުރެވިފައިވާ ތަޖުރިބާގެ އަލީގައި ބަޔާން ކުރެވުނު ޙަޤީޤަތެވެ. މި އާރޓިކަލް ގައި އެވަނީ ހުރިހާ ކަތީބުންގެ ވާހަކައެއް ވެސް ނޫނެވެ. އެހެން ނަމަވެސް ޖުމްލަކޮށް އިންސާނަކަށް ވީހިނދު އާރާއި ބާރު އޮވެފައި އެ އާރާއި ބާރުގެ މައްޗަށް އެހެން ބަޔަކު އައި ބަސް ކިޔުމަކީ ތިމާ އެކަމާއި ނުރުހޭނެ ކަމެއް ކަމާއިމެދު ޝައްކު ނުކުރަމެވެ. އެހެން ނަމަވެސް ލޯކަލް ގަވަރމެންޓް އޮތޯރިޓީވެސް އަދި ސިވިލް ސަރވިސް ކޮމިޝަނުންވެސް ވިސްނަންވީ ކަމަކީ އަދިވެސް މި ދެންނެވި ގޮންޖެހުން ފިލައިގެން ނުދާ ކަމާއި މިހާރުވެސް ކައުންސިލްތައް ފުރިހަމަޔަށް ހިނގައިގަތުމަށް ހުރަސް ކުރިމަތި ކުރުވުމަށް ބައެއް ކައުންސިލްތަކުގައި އަދިވެސް ބޯދާ ޚިޔާލުގެ ބަޔަކު ތިބިކަމެވެ.

 

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Powered by WordPress.com.

Up ↑

%d bloggers like this: