ތިއީ ނޯމޯފޯބިއާ ޖެހިފައިވާ މީހެއްތަ؟

ކޮންމެ ދުވަހަކުވެސް ދުނިޔޭގައި އެތައް މިލިއަން ބަޔަކު އެތައް މިލިޔަން މުޢާމަލާތެއް ކުރެވެއެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް އިޖްތިމާޢީގޮތުން އެކަކު އަނެކަކާއި ގުޅި ލާމެހިފައިވާ މީހަކަށް ވުމުން އެކަންކަން ޙާސިލް ކުރުމަށް އެކި ވަސީލަތްތައް ބޭނުން ކުރެވެއެވެ. އެކާވީސްވަނަ ޤަރުނު ފެށިގެން އައިއިރު މުވާސަލާތީ ވަސީލަތްތައް ވަނީ އިންސާނުން ދުވަހަކުވެސް ދެކެފައި ނުވާ މިންވަރަށް ތަރައްޤީވެ އެ ތަކެއްޗަށް ވާސިލްވުން ފަސޭހަވެފައެވެ. އެގޮތުން ކޮމްޕިއުޓަރ، ޓެބްލެޓް އަދި މޮބައިލް ފޯނުން ފެށިގެން ގޮސް އަތުކުރީގައި އަޅާ ގަޑިއާއި ގޭގައި ބަލަން ގެންގުޅޭ ޓީވީ އަދި ދޮންނަ މެޝީންވެސް ވަނީ “ސްމާޓް”ވެ އެތަކެތިން މުވާސަލާތް ކުރެވޭ ގޮތް ވެފައެވެ. އޭގެ ތެރެއިންވެސް އިންސާނުންގެ ދިރިއުޅުމާއި ވައްޓަފާޅިއަށް އެންމެ ބޮޑު އިންޤިލާބެއް ގެނައި އެކައްޗަކީ މޮބައިލްފޯނެވެ. އަޅުގަނޑުމެން ކައިބޮއެ ހަދާ ވަގުތު ތަކުގައާއި ފާޚާނާއަށް ވަންނަމުންވެސް މޮބައިލް ފޯން ހެކިވެރިއެއްގެ ގޮތުގައި ވެއްދުމަކީ މިހާރު އާއްމު ކަމެކެވެ.

އަޅުގަނޑުމެންގެ ޢާއިލާތަކުގެ ތެރޭގައި ދަރިންނާއި މައިންބަފައިން އަދި ދެމަފިރިން ނުވަތަ އެނޫންވެސް އިޖްތިމާޢީ ގުޅުންތައް އެ އެއްޗެއްގެ ސަބަބުން ހީނަރުކުރުވި އެއްޗަކީ މޮބައިލް ފޯނެވެ. ޤަބޫލު ކުރަންޖެހޭ އެންމެ ބޮޑު އެއް ޙަޤީޤަތަކީ މޮބައިލް ފޯނުގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި ކުރެވޭ މުޢާމަލާތްތައް ގިނަވެއްޖެކަމެވެ. މޮބައިލްފޯނުގެ އެހީގައި ދުނިޔޭގެ އެތައް މިތަނުގައި ތިބޭ ރައްޓެހިންނާއި ޢާއިލާ މީހުންނަށް ގުޅާލާ އެވަގުތަކު ވަމުންދާ ކަމެއް ޙިއްސާ ކޮށްލުމަށް ސޯޝިއަލް މީޑިއާ ބޭނުން ކުރެވެއެވެ. ޚާއްސަކޮށް ނިދާވަގުތު ދެމަފިރިކަމުގެ ގުޅުން ހިންގުމަށް ބޭނުންވާ ބައިވެރިންވެސް ތިބޭނެއެވެ. އެހެން ނަމަވެސް ހިތާމަޔަކީ މިދެންނެވި ކަންކަމަށް ސަމާލުކަންދޭން ހަނދާން ނެތި ސްމާޓް ފޯނާއި ކުޅެލަ ކުޅެލާ އޮންނަ ބައިވެރިންގެ ޢަމަލުތަކުގެ ސަބަބުން ޙަޔާތުގެ އަނެއް ބައިވެރިޔާއަށް އޭނާއަކީ މާ މުހިއްމު މީހެއް ނޫންކަމުގެ އިޙުސާސު ކުރެވި ދިރިއުޅުމުގައި މައްސަލަ ޖެހޭ ހިސާބަށް ދިއުމެވެ.

ގޭގޭގެ ޚަރަދު ބަރަދު ދެކޮޅު ނުޖެހުނު ކަމުގައި ވީނަމަވެސް ސްމާޓް ފޯނެއް ގަނެލުމަށް މަހުން މަހަށް ފައިސާ ދައްކާގޮތަށް ވެސް އެކަން ކުރާމީހުން މަދެއް ނޫނެވެ. ޢާއިލާ އެއްކޮށް ކާން އެރިނަމަވެސް އެކަކު އަނެކަކާއި ވާހަކަ ދައްކާލާ ކަންކަމާއިމެދު ޚިޔާލު ބަދަލު ކޮށްލުމުގެ ބަދަލުގައި ކޮންމެ މީހަކުވެސް އިންނަނީ ސްމާޓްފޯން ހުޅުވައިގެން އެއް އަތުން އެއާއި ކުޅެލަ ކުޅެލައެވެ. އެތަނުގައި ތިބީ މުޅިން އަލަށް ބައްދަލުވެފައިވާ ބައެއްގޮތުގައި ސިފަވާ ކަހަލައެވެ. މައިންނާއި ދަރިންގެ ވަރަށް ޚާއްސަ ގުޅުމެއް ކުދިން އުފެދި ހެދި ބޮޑުވުމުގައި ބޭނުންވާ ކަމެކެވެ. އެގޮތުން ތުއްތު ކުދިންގެ ޅަފަތުގައި އެކުދިންނާއި ގިނަގިނައިން ވާހަކަ ދައްކާ އެކުދިންނާއެކު ވަގުތު ހޭދަ ކުރުމަކީ އެކުދިން އަވަހަށް ވާހަކަ ދައްކަން ދަސްކުރުމާއި އެކުދިންގެ ހެދިބޮޑުވުމަށް ވަރަށް ބޮޑު ދައުރެއް އަދާ ކުރާކަމެކެވެ. އެހެން ނަމަވެސް މިއަދު ޙަޤީގަތަކީ މިދެންނެވި ގުޅުމަށް މައިންނަށް ވަގުތު ނުދެވި ސްމާޓް ފޯނުން އަންނަ ނޯޓިފިކޭޝަންތަކަށް އިޖާބަ ދިނުމުގައި އެތަށް ވަގުތެއް ހޭދަވެ އެފަދަ ތުއްތު ކުދިންނަށް ބޭނުންވާ ލޯތްބާއި އަޅާލުމުން އެކުދިން ބާކީވެގެން ދިއުމެވެ.

ރާއްޖޭގެ ބަދަލުވަމުންދާ މާޙައުލާއި ދިރިއުޅުމަށް ކުރަން ޖެހޭ ހޭދަތައް ބޮޑުވުމުން ދެމަފިރިންގެ ތެރެއިން އެކަކު ވަޒީފާއަށް ދިއުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވީނަމަވެސް އެގޮތަށްވެސް ޚަރަދުތައް ފޫނުބެއްދޭ ގިނަ ޢާއިލާތަކުގައި ދެމަފިރިންވެސް ވަޒީފާތަކަށް ދިއުމަކީ އާއްމުކަމެކެވެ. ދެމަފިރިންގެ ތެރެއިން ކޮންމެ ފަރާތެއް ވަޒީފާއަށް ދިއަ ކަމުގައި ވީނަމަވެސް ދެމަފިރިން އެކުގައި ހޭދަ ކޮށްލަން ލިބޭ އެންމެ މުހިއްމު ވަގުތަކީ އެކުގައި ނިދާ ވަގުތުކަން ޔަޤީނެވެ. އެދުވަހެއްގައި ދިމާވި ކަންކަން ޙިއްސާ ކުރުމާއި ދިރިއުޅުމުގެ ކަންކަމާއި ބެހޭ ގޮތުން ވާހަކަ ދައްކާލުމަކީ ދިރިއުޅުން ހަމަ މަގުގައި ކުރިޔަށް ދިއުމަށް މުހިއްމު ކަމެއްކަން ކަށަވަރެވެ. ޚާއްސަކޮށް ނިދާވަގުތު ދެމަފިރިކަމުގެ ގުޅުން ހިންގުމަށް ބޭނުންވާ ބައިވެރިންވެސް ތިބޭނެއެވެ. އެހެން ނަމަވެސް ހިތާމަޔަކީ މިދެންނެވި ކަންކަމަށް ސަމާލުކަންދޭން ހަނދާން ނެތި ސްމާޓް ފޯނާއި ކުޅެލަ ކުޅެލާ އޮންނަ ބައިވެރިންގެ ޢަމަލުތަކުގެ ސަބަބުން ޙަޔާތުގެ އަނެއް ބައިވެރިޔާއަށް އޭނާއަކީ މާ މުހިއްމު މީހެއް ނޫންކަމުގެ އިޙުސާސު ކުރެވި ދިރިއުޅުމުގައި މައްސަލަ ޖެހޭ ހިސާބަށް ދިއުމެވެ.

ކޮންމެ މީހެއްގެ ދުވަހުގައިވެސް ބިޒީ ވަގުތުތައް އާދެއެވެ. އެއީ ގަވާއިދުން އޮފީހެއްގައި ވަޒީފާ އަދާ ކުރި ކަމުގައި ވީނަމަވެސް ނުވަތަ ގޭތެރޭގައި ކުދިން ބަލަހައްޓާ ދިރިއުޅުން ބެލެހެއްޓުމާއި ޙަވާލުވީ ނަމަވެސްއެވެ. އަޅުގަނޑުމެންގެ މޮބައިލް ފޯނަށް އަންނަ ނޯޓިފިކޭޝަންތަކުގެ ތެރޭގައި އަޅުގަނޑުމެން އެކްޓިވްކޮށް ޙަރަކާތްތެރިވާ ވައިބާ ގްރޫޕުތަކާއި ފޭސްބުކް އަދި މެސެންޖާ ތަކުން ފެށިގެންގޮސް އިންސްޓާގްރާމް ހިމެނެއެވެ. މި ދެންނެވި ސޯޝަލް މީޑީއާ އެޕްލިކޭޝަންތަކުގެ އިތުރަށް އެސްއެމްއެސް ތަކާއި ފޯން ކޯލްތަކަކީ ކޮންމެހެންވެސް އެއަށް އަޅާނުލާ ދޫނުކޮށްލެވޭ ތަކެއްޗެވެ. ކޮންމެ މީހަކުވެސް އޮފީސް ވަގުތު ތަކުގައިވެސް އަދި ޢާއިލާއާއި އެކުގައި ހޭދަ ކުރާ ވަގުތުތަކުގައި ފޯނަށް އަންނަ ނޯޓިފިކޭޝަންތައް ބަލާލަނީ ހަމަ އެ ޗެކް ކޮށްލުމަށްފަހު ފޯން ބޭއްވުމަށް ކަމުގައި ވީނަމަވެސް އެ ނޯޓިފިކޭޝަންގައި އިން އެއްޗެއްގެ ސަބަބުން އިތުރު ލިންކްތަކާއި ވާހަކަތަކުގެތެރެއަށް ޢަރަޤުވެ ޢާފިލްވެދެއެވެ.

އެހެންވީއިރުނޯމޯފޯބިއާއަކީކޮންއެއްޗެއް؟

ނޯމޯފޯބިއާ އަކީ ތިމާގެ ފޯނާއި ނުލާ ނުވަތަ ފޯނު އަތުގައި އޮތް ނަމަވެސް އެ ބޭނުން ނުކުރެވޭ ހާލަތްތަކެއް ދިމާވެފައި ވުމުން ނުވަތަ އެފަދަ ޙާލަތެއް މެދުވެރި ވެދާނެ ކަމަށް ބިރުހީވެ އެކަމާއި ކަންބޮޑުވުން އިތުރުވުމެވެ. މި ގޮތަށް މެދެވެރިވެދާނެ ޙާލަތްތަކުގެ ތެރޭގައި އިންޓަނެޓް ނުލިބުމާއި ފޯނަށް ރޭންޖް ނުލިބުން ނުވަތަ ފޯނުގެ ޗާޖް ހުސްވުން ހިމެނެއެވެ. އެހެން ކަމުން އަބަދުވެސް ފޯން ބޭނުން ކުރަން ބޭނުންވެފައި ހުންނަ ފަރާތަކުން މި ދެންނެވިފަދަ ޙާލަތްތަކެއް މެދުވެރިވެއްޖެނަމަ އެކަމާއި ކަންބޮޑުވެ އަތުން ފައިން ގޯސް ހެދޭހާ ވެސް ސްޓްރެސް (ހާސްވެ ކަންބޮޑުވެ) ބޮޑުވެދެއެވެ. މި ފަދަ ދަނޑިވަޅުތަކުގައި ހިތާމަވެރި ހާދިސާތައް ހިނގާ  ބައެއް މީހުންގެ ފުރާނަ ގެއްލިފައިވެސް އެބަހުެއްޓެވެ.

 

60F930A0-E472-4AC0-92CA-17EFE0746EBF

ނޯމޯފޯބިއާގެ ޢަލާމާތްތަކަކީ ކޮބާ؟

މާ ގިނައިން ފޯނު ބޭނުން ކުރަން ބޭނުންވުން ނުވަތަ ފޯނާއި އަބަދު ކުޅޭ ހިތްވުން

ފޯނު ބޭނުން ނުކުރި ކަމުގައިވިޔަސް ފީނު އަބަދުވެސް އަތުގައި ނުވަތަ ކައިރީގައި ބޭއްވުމަށް ބޭނުންވުން (މިސާލަކަށް ނިދާއިރު އާއި ކާން އިންނައިރު ނުވަތަ ފާޚާނާއަށް ވަންނައިރު)

ފޯންގެ ނޯޓިފިކޭޝަން އަޑު އިވުމުން ވަގުތުން އެކަމަށް ހުރިހާ ސަމާލުކަމެއް ދެވުން.( އެއީ ނެޓްވޯކް ޕްރޮވައިޑާ މެސެޖެއް ކަމުގައި ވިޔަސް)

ނިދާ ހޭލައިގެން އެނދުން ތެދުވުމުގެ ކުރިން ފޯނު ހޯދާ އޭގައި ހުރީ ކޮން ނޯޓިފިކޭޝަނެއްތޯ ޗެކް ކުރުން ނުވަތަ ސޯޝަލމީޑިއާ ޗެކް ކޮށްލުން.

އާއްމުކޮށް ލަސްވަންދެން ނުނިދާ އޮވެ ފޯނާއި ކުޅުން

ފޯނު ނެތި ގިނައިރު ވާނަމަ ނޭވާލާން އުނދަގޫވުން. މި ހާލަތު ދިމާވަނީ މާބޮޑަށް ހިތް ނުތަނަވަސްވެ މެސެޖެއް ނުވަތަ އެހެންވެސް މުވާސަލާތީ އެޕްލިކޭޝަނެއްގެ ނޯޓިފިކޭޝަން އަންނަ ވަގުތު ނޭގިދާނެ ކަމަށްޓަކއި ކަންބޮޑުވުގެ ސަބަބުން. މިފަދަ ކަންކަން ދިމާވަނީ މޮބައިލް ފޯން ގެންގުޅުން މަނާ ތަނަކަށް އެފަދަ މީހަކަށް ދެވުމުންނެވެ.

IMG_4740.JPG

 

ނޯމޯފޯބިއާ ބަލި ރަނގަޅުވާނީ ކިހިނެއް؟

މި ބަލިން ރަނގަޅުވާން ބޭނުންނަމަ ފޯން ބޭނުން ކުރުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން އެބަޖެހެއެވެ. އެގޮތުން ފޯން ބޭނުން ކުރުން މަނާ ސަރަޙައްދުތަކެއް ގޭގައިވެސް ކަނޑައެޅިދާނެއެވެ. އެގޮތުން ވަރަށް ޚާއްސަ ސަމާލުކަމެއް ދީގެން ކާގަޑީގައި ފޯން ކޮޓަރީގައި ނުވަތަ އެހެން ތަނެއްގައި ސައިލަންޓް ކޮށްފައި ބޭއްވުމަކީ ރަނގަޅު ކަމެކެވެ. ދެމަފިރިން އެކުގައި އެނދަށް ނިދަން އަރާގަޑީގައި ޚާއްސަކޮށް ފޯން ބޭނުން ނުކުރުމަށް ސަމާލުކަން ދޭންވާނެއެވެ. އެގޮތުން ނިދުމުގެ އެއްގަޑިއިރު ކުރިން ފޯން ނިވާލުމަކީ ވަރަށް ރަނގަޅަށް ކުރެވިދާނެ ކަމެކެވެ. އަދި ހަމަ އެފަދައިން ނިދާ ހޭލުމަށްޓަކައި ފޯން އެލާމް ކުރުމުގެ ބަދަލުގައި އެލާމް ގަޑިއެއް ބޭނުން ކުރެވިދާނެއެވެ. މީގެ އިތުރުން މީހުންނާއި އެކު ގިނަ ވަގުތު ހޭދަކުރުމަށް ސަމާލުކަންދީ އެފަދަ ވަގުތުތަކުގައި ފޯން ބޭނުން ކުރުން ވީހާވެސް ބޮޑަށް މަދު ކުރެވިދާނެއެވެ. އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފޯން ބޭނުން ކުރާނެ ވަގުތުތަކެއް އަމިއްލައަށް ކަނޑައެޅިދާނެއެވެ.

DSC_0394.JPG

އަޅުގަނޑުމެން އެކަކު އަނެކަކާއި އަޅާލާ ގުޅުން ބަދަހި ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމަކަށް ވީނަމަވެސް އެކަން ކުރުމަށް އަބަދު މޮބައިލް ފޯނު ބޭނުން ކުރުމުގެ ބަދަލުގައި އެކަކު އަނެކަކާއި ބައްދަލުވެ މޫނާއި މޫނު ދިމާވާ ގޮތަށް ވާހަކަ ދައްކާ ހެދުމަކީ ދޭދޭ ގުޅުން ރަނގަޅު ކުރުމަށާއި ލޯބި އިތުރު ކުރުމަށް ވަރަށް މުހިއްމު ކަމެކެވެ. ޚާއްސަކޮށް ދަރިންނާއި މައިންބަފައިންގެ ގުޅުން އަދި ދެމަފިރންގެ ގުޅުމަކީ މިއަދު މި ބަލީގެ ސަބަބުން ވަޅު ޖެހި ނެތެމުންދާ ގުޅުންތަކެއްކަން ފާހަގަކޮށް އެކަން ހުއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އިލްތިމާސް ކުރަމެވެ. ތިބާއަކީ ވެސް މި ބަލީގެ ޝީކާރައެއް ނަމަ އެކަމުން ދުރުވުމަށް މަސައްކަތް ކުރާށެވެ.

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Powered by WordPress.com.

Up ↑

%d bloggers like this: